އަޅުގަނޑަކީ ޔަހޫދީންނާ ގުޅޭ ބޭފުޅެއް ނޫން: ނަޝީދު

އެމަނިކުފާނަކީ ޔަހޫދީންނާ ގުޅޭ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދަކީ ޔަހޫދީންނާ ގުޅޭ ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ އެކަމުގެ ހަގީގަތަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނާ ނުރުހޭ ގިނަ މީހުން އުޅޭ ކަމަށެވެ. އަދި އެމަނިކުފާނަކީ "އިބިލީސް" ނުވަތަ "ޝައިތާނާ" ކަމަށް ސިފަ ކުރުމަށް އެމީހުން އެކި ބާވަތުގެ ވާހަކަތައް ދައްކަމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، ނަޝީދު ވިދާޅުވީ އެމަނިކުފާނާ އެއްވަރަށް "ފަލަސްތީނާ އެއްކޮޅަށް" މުޒާހަރާކޮށްފައި ހުންނެވި ވަކި ފަރުދަކު ހުންނާނެ ހެން ހީ ނުވާ ކަމަށެވެ.
"އަޅުގަނޑަކީ ޔަހޫދީންނާ ގުޅޭ މީހެއް ނޫން. އަޅުގަނޑަކީ ޒުވާން އިރުއްސުރެ ފަށައިގެން، ޔުނިވަސިޓީ އިރުއްސުރެ ފަށައިގެން، އަޅުގަނޑާ އެއްވަރަށް ހިއެއް ނުވޭ ރާއްޖޭގައި ވަކި ފަރުދަކު އުޅޭނެހެން ފަލަސްތީނާ އެއްކޮޅަށް މުޒާހަރާކޮށްފައި ހުރި،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ޔުނިވަސިޓީގައި ހުރިއިރު، ހަފްތާއެއް ދުލެއް ނުކުރަން އަޅުގަނޑު އެކަން ނުކުރާނެ،"
ނަޝީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ލިޔުއްވި ލިޔުންތަކާއި އެކިއެކި ތަންތަނުގައި ދައްކާފައި ހުރި ވާހަކަތައް ވެސް ފެންނަން ހުންނާނެ ކަމަށެވެ.
"އަޅުގަނޑާ ގުޅުވައިގެން ކިތަންމެ ވާހަކައެއް ވެސް ދެއްކިދާނެ. އެކަމަކު، އަޅުގަނޑުގެ ހިތެއް ނުބުނޭ މިއަދުގެ ދިވެހިން އެ ވާހަކަތައް ބަލައިގަންނަ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް އޮތީމަ، އެމަނިކުފާނު ތާއީދުކުރައްވާ ބޭފުޅުންނަށް ދެރަ ދިނުމުގެ ނިޔަތުގައި އެކިއެކި ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. އެމަނިކުފާނަކީ ޒަޔަނިޒަމް އަށް ތާއީދުކުރާ ބޭފުޅެއް ނޫން ކަން އެ ވާހަކަ ދައްކާ މީހުންނަށް އެނގޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަކީ ޔަހޫދީންނަށް ތާއީދު ކުރާ މީހެއް ނޫން ކަން ވަރަށް ސާފުކޮށް އެނގޭނެ. އަޅުގަނޑަށް އެނގޭ އަޅުގަނޑަކީ ކާކު ކަން. އަޅުގަނޑު އެކަންކަމާ އެހާ ބޮޑަކަށް ކަންބޮޑެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.
ޔަހޫދީންނަށް ތާއީދު ކުރާ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.


