ރިއަލް އެސްޓޭޓް ބިލަކީ 93 މެމްބަރުން ވީދާލަން ޖެހޭ ބިލެއް: ނާޒިލް

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ވީދާލަން ޖެހޭ ބިލެއް ކަމަށާއި 93 މެމްބަރުން އެކަމުގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު، އަހުމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލަށް މިއަދު ހަވީރު މަޖިލިހުގައި ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިލް ވިދާޅުވީ ރިއަލްއެސްޓޭޓް ބިލަކީ ސަރުކާރުގެ ފަރާތުން ނުވަތަ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލް އައްބާރުގެ މެދުވެރިކޮށް މެމްބަރެއް ބޭނުން ކުރައްވައިގެން ހުށަހެޅުއްވި ބިލެއް ކަމަށެވެ.
އަދި މި ބިލުގެ ބޭނުމަކީ ރަސްމާލެ ވިއްކާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިލުގެ 78 ވަނަ މާއްދާއަށް އިޝާރާތް ކުރައްވައި ނާޒިލް ވިދާޅުވީ އެ މާއްދާގައި 99 އަހަރަށް ބިން ކުއްޔަށް ދޭ ވާހަކަ ބުނެފައިވާ ކަމަށެވެ. އަދި ބިލުގެ 89 ވަނަ މާއްދާގެ (ޅ) ގައި ރަޖިސްޓްރީ ކުރުމަށް ފަހު ގަންނަ ފަރާތަށް އޮތޯރިޓީން 99 އަހަރަށް އާ ލީސް ހޯލްޑެއް ދެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
"މި ބޭފުޅުން އެބަ ވިދާޅުވޭ ނުދެވޭނެއޭ. އެ ބިން އަނެއްކާ ވެސް 99 އަހަރަށް މި ދޫކޮށްލެވެނީ. އަޅުގަނޑުގެ ނަމުގައި އޮތް ބިމެއް 99 އަހަރު ކައިރިވަނިކޮށް އަޅުގަނޑަށް ދެވިދާނެ އަޅުގަނޑުގެ ދަރިއަކަށް މި ގާނޫނު (ބިލު) ބުނާ ގޮތުން. ދީފައި ޖެހިގެން އަންނަ ދުވަހު އަޅުގަނޑު ނަމަށް ވެސް ބަދަލު ކުރެވޭ. އަނެއްކާ ވެސް އާ 99 އަހަރު މި އަންނަނީ،" ނާޒިލް ވިދާޅުވި އެވެ.
ރިއަލް އެސްޓޭޓް ބިލްގައިވާ ގޮތުގައި އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނަކަށް ބިމެއް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރެވެ. މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން އަންނަ ރިސޯޓުތައް ވެސް ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތެވެ.
އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައެޅޭނީ މަދުވެގެން އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ، ފާސްކުރެވޭ މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީކުރާ މަޝްރޫއުތަކެވެ. އެ ޒޯންގެ ތެރޭގައި ހިންގާ އެންމެހާ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަށް ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ކަމުގައި ބެލޭނެއެވެ. އަދި އެ މުދަލާއި ހިދުމަތުން ޓެކްސް ނަގާނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ޓެކްސް ނަގާ ރޭޓުގަ އެވެ.
ބިލުގައިވާ ގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 99 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ޒޯނުގައި ތަރައްގީކުރާ ވަކިވަކި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ރައިޓްސް ވެސް ގިނަވެގެން 99 އަހަރަށް "ސަރެންޑާ އެންޑް ރީ-ގްރަންޓް" މޮޑެލްގެ ދަށުން ވިއްކިދާނެ ކަމަށް ބިލުގައިވެ އެވެ.
ނަމަވެސް ނާޒިލް ވިދާޅުވީ މި ބިލަކީ ގާނޫނުއަސާސީ އާ ހިލާފު ބިލަކަށް ވާތީ ބިލް ވީދާލަން ޖެހޭ ކަމަށެވެ.
"93 މެމްބަރުންވެގެން މި ބިލް ވީދާލަންވީ އެންމެން އެކީގައި އިތުރު އެކަކު ވެސް ނުލާ. އެއީ ވެސް ރައީސް ވެސް ހިމެނޭ ގޮތަށް،" ނާޒިލް ވިދާޅުވި އެވެ.


