ފުލުހުންގެ މަރުކަޒުތައް ހުޅުވި ރަށްރަށުގައި ކުށް މަދުވެއްޖެ: އިހުސާން

ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ހުޅުވުމާ އެކު، އެ ރަށްރަށުގެ ކުށުގެ މާހައުލު ބަދަލުވެ ކުށް ކުރުން މަދުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.
އިހުސާން އެގޮތަށް ވިދާޅުވީ ނ. މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މާފަރުގެ އިތުރުން ނ. ފޮއްދޫގައި ވެސް އެޅި ޕޮލިސް ސްޓޭޝަން ވެސް ވަނީ ހުޅުވައިފަ އެވެ.
މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ މީގެ ކުރިން ޕޮލިސް ސްޓޭޝަންތައް ހުޅުވި ރަށްރަށުން ފެންނަނީ ވަރަށް ރީތި ނަމޫނާއެއް ކަމަށެވެ. އެ ރަށްރަށުގެ ކުށް ކުރުން މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް މި ހިސާބުގައި ގެވެށި އަނިޔާގެ މައްސަލަތަކާ އެއްޗެހި ރިޕޯޓުކުރާވަރު ގިނަ. މި ބާވަތުގެ ކަންކަމަށް ވަރަށް ޕޮޒިޓިވް އިމްޕެކްޓެއް އައިސްފައި އެބަހުރި. ވަރަށް ބޮޑުތަނުން ކުޑަވެފައި އެބަހުރި. އެހެން ރަށްރަށުގައި އަމިއްލަ ސްޓޭޝަން ހަދައިގެން މަސައްކަތް ފެށި ހިސާބުން. އެހެންވީމާ، އަޅުގަނޑު އެދެން މި ރަށުގައި ވެސް އެ ރޫހުގައި މި ރަށުގައި ތިއްބަވާ ފުލުހުން އެ ގޮތުގައި އެ މަސައްކަތްތައް ކޮށްދެއްވުމަށް،" އިހުސާން ވިދާޅުވި އެވެ.
ރައްޔިތުންނާ ގުޅިގެން ވީހާވެސް ގާތުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އިހުސާން އެދިވަޑައިގެންނެވި އެވެ.

އަދި މުޖުތަމައު ތެރޭގައި އޮންނަންޖެހޭ ހަމަޖެހުން އެންމެ ފުރިހަމައަށް ގާއިމުވެގެންދާނީ ރައްޔިތުން ވެސް ފުލުހުންނާ އެކުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޭނުންވާ މައުލޫމާތުތައް ގަވާއިދުން ފޯރުކޮށްދިނުމާއި ފުލުހުންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަންދިނުމާއި ފުލުހުންނަށް އެދޭ ހާލަތުގައި އަދި ފުލުހުންގެ ހިދުމަތަށް އެދޭ ހާލަތުގައި ވީހާވެސް އަވަހަކަށް އެ ހިދުމަތްތައް ހޯދުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
ފުލުހުން ބުނި ގޮތުގައި މިއީ ރަށްރަށުގައި ދެމުންދާ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި، ހުޅުވި ފުލުހުންގެ ދެ މަރުކަޒެވެ.
މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 21 ވަނަ ދުވަހުއެވެ. ފޮއްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 23 ގައެވެ. މި ދެ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެވެ.


