ހަބަރުރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސަށް ހިޔާލާއި ޝަކުވާ ހުށަހަޅަން ސިޓިޒަން ޕޯޓަލް އިފްތިތާހުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ހިދުމަތް ދޭނެ ޕޯޓަލެއް ރައީސް އޮފީހުން މިއަދު އިފްތިތާހުކޮށްފި އެވެ.
މިއީ ރައީސް އޮފީހުގެ 'ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ'ގެ ދަށުން އާއްމުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހަޅަން ހާއްސަކޮށްފައިވަނީ 'ސިޓިޒެންސް ވޮއިސް' ގެ ނަމުގައި އުފެއްދި ޕޯޓަލެކެވެ.
ރައީސް އޮފީހުން ބުނީ މިޕޯޓަލްގެ ހިދުމަތް މިވަގުތަށް ވެބް މެދުވެރިކޮށް ފެށި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ހިދުމަތަށް ހާއްސަކުރެވޭ ފޯނު އެޕްލިކޭޝަން ވެސް އިފްތިތާހު ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރު، 1470 އިން ވެސް ހިދުމަތް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާއްމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހަޅަން 24 ގަޑިއިރު ހިދުމަތް ދިނުމަށް ވަކި އޮފީހެއް ގާއިމްކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.


