ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ރައީސް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް

މުވައްޒަފުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގައި ދެފުށް ފެންނަ އިންސާފުވެރި ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި

13 ގަޑިއިރު ކުރިން1 މިނެޓް

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ނަރުހަކު، ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ނަރުހަކު، ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެކި ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކޮށްދެއްވައި އިންސާފުވެރި އަދި ދެފުށް ފެންނަ މަސައްކަތު މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ނަރުހަކު ކުރި ޝަކުވާއަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ޕްރޮގްރާމްގައި ނަރުހަކު ވަނީ ވަޒީފާގެ މާހައުލުގައި ހުރި ތަފާތުކުރުންތަކާއި އިންސާފު ހޯދުމުގައި ކުރިމަތިވާ ހުރަސްތަކުގެ އިތުރުން މުވައްޒަފުން ކުރާ ޝަކުވާތަކަށް މެނޭޖްމަންޓުން އަޅާ ނުލާ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ. އަދި ނާސިން ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ވެރިން، ނަރުހުންގެ މަސައްކަތްތައް ބަލަހައްޓައި އެ ފަންނާ އެކަށީގެންނުވާ ނިންމުންތައް ނިންމަމުންދާ ކަމުގެ ޝަކުވާ ވެސް އޭނާ ހިއްސާ ކުރި އެވެ.

އައިޖީއެމްއެޗް ފަދަ ބޮޑެތި ހޮސްޕިޓަލްތަކުގައި ވެސް މިފަދަ ކަންކަން ހުރުމުން މުވައްޒަފުންގެ ޝަކުވާތައް ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލޭނެ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމުގައި އެ ނަރުސް ފާހަގަ ކުރި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ނަރުހުންނަކީ މުޖުތަމައަށް ވަރަށް އަގުހުރި، ހާއްސަ ހިދުމަތެއް ފޯރުކޮށްދޭ ބައެއް ކަމަށާއި ކަންބޮޑުވުންތައް ސަރުކާރުން ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ. އަދި މުވައްޒަފުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގައި މިހާރަށްވުރެ ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތިހުރި ގޮތް ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރާނަން. ވަޒީފާގެ މާހައުލުގައި އިންސާފު ގާއިމް ކުރުން ނުވަތަ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑު އެހުމާއި އެކަންކަމަށް ޖަވާބު ދާރީވުމާއި ވީހާވެސް ދެފުސް ފެންނަ ގޮތަކަށް ކަންކަން ކުރަން،" ރައީސް ވިދާޅުވިއެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT