ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ދިވެހިބަހުގެ މަތީ ޝަރަފު އައްބާސްއަށް، ދީނަށް ހޭލުންތެރިކުރުމުގެ މަތީ ޝަރަފް ޑރ. މުހައްމަދު ރަޝީދަށް!

ދެ ބޭފުޅުން ވެސް ވަނީ ގައުމަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައި

4 މިނެޓް

ޑރ. މުހައްމަދު ރަޝީދު އިބްރާހިމް (ވ) އަދި އައްބާސް.
ޑރ. މުހައްމަދު ރަޝީދު އިބްރާހިމް (ވ) އަދި އައްބާސް.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ރޮނގުން ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުހައްމަދު ރަޝީދު އިބްރާހިމަށް އަދި ދިވެހިބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު އައްބާސް އިބްރާހިމަށް ރޭ އަރުވައިފި އެވެ.

މި ދެ ބޭފުޅުންނަށް އެންމެ މަތީ ޝަރަފް އެރުވީ ޖުމްހޫރީ ދުވަސް ފާހަގަ ކުރަން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރޭގެ ޖަލްސާގައި އައްބާސް އިނާމާ ހަވާލުވެވަޑައިގެންނެވި އިރު، ސިއްހީ ހާލުކޮޅު ހުރި ގޮތުން ޑރ. މުހައްމަދު ރަޝީދު އިބްރާހިމަށް ބައިވެރިވެވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އޭނާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގެންނެވީ ދަރިކަލުން އުސާމާ މުހައްމަދު ރަޝީދެވެ.

ޑރ. މުހައްމަދު ރަޝީދު އިބްރާހިމްގެ ކުރު ތައާރަފެއް

މިސްރުގެ ޖާމިއުލްއަޒްހަރުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމަށްފަހު، ރާއްޖޭގައި ދީނީ ތައުލީމު އުނގަންނައި ދެއްވުމަށާއި ދީނީ ރޮނގުން މީހުން ހޭލުންތެރިކުރުމުގައި ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް އަމަލީގޮތުން އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ ފެބްރުއަރީ 8، 1981 ގައި ރައީސް އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުންނެވެ. އޭގެ ފަހުން އެ އޮފީހުގެ ހާއްސަ ވަކީލުކަމުގެ މަގާމު ފުރުއްވި އެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާ. -- ފޮޓޯ: ދަރަޖަ: އަބްދުﷲ އަބީދު
ޖުމްހޫރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާ. -- ފޮޓޯ: ދަރަޖަ: އަބްދުﷲ އަބީދު

އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާ ގުޅިގެން، އެ މަދަރުސާގެ މުދީރުކަމަށް 15 ޖަނަވަރީ 1987 ގައި ޑރ. މުހައްމަދު ރަޝީދު އިބްރާހީމް ހަމަޖެއްސުވުމާއެކު، އެ މަގާމުގައި ހުންނަވައިގެން، އެ މަދަރުސާގެ ހިންގުން ހަރުދަނާކުރައްވައި އެ މަދަރުސާގެ މުޤައްރަރު އަލުން މުތާލިއާ ކުރައްވައި، ސާނަވީ ތައުލީމުން ފެށިގެން އަރަބި ބަހުން ތައުލީމުދޭ މަދަރުސާއަކަށް ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެއްވުމަށްޓަކައި އަމަލީގޮތުން ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފަ އެވެ.

ޑރ. މުހައްމަދު ރަޝީދުގެ އިލްމީ ހިދުމަތްތަކުގެ ތެރެއިން އެންމެ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ހިދުމަތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ފެއްޓެވި ކީރިތި ގުރުއާން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމަށް އުފެއްދެވި ކޮމިޓީގައި އެ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކުރެއްވި ހިދުމަތެވެ. އެގޮތުން އެކޮމިޓީގެ ރައީސްކަން 18 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ކުރެއްވިއެ ވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްއިން ފޮނުވަމުން ގެންދެވި ދީނީ އެކިއެކި ޕުރޮގުރާމުތަކުގައި އާއި އިލްމީ ބަޙުސްތަކުގައި އަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަކީ، ހުކުރު ޚުތުބާވެސް ގިނަ އަދަދަކަށް ލިޔުއްވި ބޭފުޅެކެވެ. އަދި ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ނެރުއްވަމުން ގެންދެވި "ދީނުގެ މަގު" މި ނޫހަށް އެކިއެކި މައުޟޫއުތަކަށް ކޮންމެ ހަފުތާއަކުވެސް ލިޔުއްވަމުން ގެންދެވި އެވެ.

ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއަށާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަށް ވެސް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެ ތަންތަނުގައި ހިންގި ތަފާތު ކޯސްތަކުގައި ދިގު މުއްދަތެއްގައި ކިޔަވައިދެއްވަމުން ގެންދެވި އަދި ދަރިވަރުންގެ މަގްބޫލުކަމާއި ތާރީފު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ދީނީ އަދި އިލްމީ ވަރަށް ގިނަ ފޮތް ފޮތް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ހިދުމަތް ކުރައްވައި ފައެވެ. އެންމެ ފަހުން އަދާކުރެއްވީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމެވެ. އޭނާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވަނީ، 10 ނޮވެންބަރު 2008 ގަ އެވެ.

އައްބާސް އިބްރާހިމްގެ ކުރު ތައާރަފެއް

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އައްބާސް އިބްރާހީމަކީ، ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން އެމަނިކުފާނަކީ އަދަބީ އެކި ރޮނގުރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޒެކެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވުމުގެ އެންމެބޮޑު ސަބަބަކަށް ވެގެންދިޔައީ، ނޫސްވެރިކަމަށް އައްބާސްގެ ހިތުގައި އުފެދިފައިވާ ލޯތްބެވެ. ޚަބަރުގެ ދާއިރާއަށް 1959 ވަނަ އަހަރު އައްބާސް އިބްރާހީމް ވެދެވަޑައިގެންނެވުމާއެކު ޚަބަރު ލިޔުއްވަން ފެއްޓެވި އެވެ. ބޭރުގެ ޚަބަރު، ރޭޑިއޯއިން އަޑުއައްސަވައިގެން ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެންނެވެ. ބޭރު ބަސްބަހުން ހުންނަ ކުދިކުދި ވާހަކަ އެ ދުވަސްވަރު ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތްވެސް އައްބާސް އިބްރާހީމް ކުރެއްވި އެވެ. ތަރުޖަމާ ކުރެއްވުމުގެ މަސައްކަތުގައިވެސް ބޭރު ބަސްތައް ނުހިމަނައި، ރީތި ދިވެހިބަހުން އެ ވާހަކަތައް ގެނެސްދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވި އެވެ.

އައްބާސް ދިވެހިބަހާއި އަދަބިއްޔާތަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ޚިދުމަތަކީ، ރައީސް އޮފީހުން ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ އެކީގައި ބައްލަވައި، ދިވެހިބަހުން ރަނގަޅަށް ދޭހަވާގޮތަށް ބަސްތައް ފުރިހަމަކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތެވެ.

ދިވެހި ބަހަށް ހިދުމަތް ކުރެއްވުމުގެ އެންމެ މަތީ ޝަރަފް އައްބާސްއަށް އަރުވަނީ. --- ފޮޓޯ: ރައީސް އޮފީސް
ދިވެހި ބަހަށް ހިދުމަތް ކުރެއްވުމުގެ އެންމެ މަތީ ޝަރަފް އައްބާސްއަށް އަރުވަނީ. --- ފޮޓޯ: ރައީސް އޮފީސް

ދިވެހި ބަހުގެ އެކެޑަމީގައި އޮންނަ "ބަސްކޮމިޓީ"ގެ މެންބަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އެ އެކެޑަމީގެ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި މިހާރުވެސް ހުންނެވީ އޭނާ އެވެ. މީގެއިތުރުން ވާހަކަ ލިޔުއްވުމާއި އެކިއެކި މައުޟޫއުތަކަށް މަޒުމޫނު ލިޔުއްވުމާއި އަދި ބޭރު ބަސްބަހުން ހުންނަ ބައެއް ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކުރައްވައިގެން ވާހަކަފޮތް ލިޔެ ޝާއިއު ކުރުމާއި އެކިއެކި މުނާސަބަތާ ގުޅިގެން ތަފާތު މައުޟޫޢުތަކަށް މަޒުމޫނު ލިޔުއްވައި، ނޫސްތަކުގައި ޝާއިއު ކުރެއްވުމާއި ދިވެހި އަދަބިއްޔާތުގެ މުހިންމު ބައެއް ކަމަށްވާ ޅެންވެރިކަމުގެ ރޮނގުގައިވެސް އައްބާސް އިބްރާހީމްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ނޮވެމްބަރު 27، 1979 ވަނަ ދުވަހު ރޭޑިއޯ މޯލްޑިވްސްއާ ޢައްބާސް އަލުން ގުޅިވަޑައިގަތުމަށްފަހު، ރޭޑިއޯގެ ޕުރޮގުރާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. ހަމައެއާއެކުގައި ޕުރުގުރާމްތަކުގެ ތެރެއިން ދިވެހި ބަހާއި އަދަބިއްޔާތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި އެވެ.

ދިވެހިބަހާއި އަދަބިއްޔާތަށް އަދި މި ރޮނގުން ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކުގައި ޢައްބާސް އިބްރާހީމް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު، ދައުލަތުން ވަނީ އެކިފަހަރުމަތިން ވަޒަންކުރައްވައި، އެކަމުގެ ޝަރަފު އަރުވައިފަ އެވެ. މިގޮތުން، ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1985ވަނަ އަހަރު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ނޫސްވެރިކަމުގެ ރޮނގުން 2004ވަނަ އަހަރު ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އައްބާސް އިބްރާހީމަށް ވަނީ ލިބިވަޑައިގެންފަ އެވެ. މިނިވަން 25ގެ އިނާމުވެސް 1990ވަނަ އަހަރު އައްބާހަށް ލިބިވަޑައިގެންފައި ވެ އެވެ.

ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ނޫސްވެރިކަމުގެ ރަން ގަލަމާއި، ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން ދެއްވި "އަލިމަސް ގަލަން" ވެސް ޢައްބާހަށް ލިބިވަޑައިގެންފައި ވެ އެވެ. މީގެ އިތުރުން، މީޑިއާ ކައުންސިލުން ދެއްވި "ޙަޔާތުގެ އަރުތަ" އިނާމުވެސް ޢައްބާހަށް ލިބިވަޑައިގެންފައިވެ އެވެ.

އައްބާސް އިބްރާހީމް މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގަ އެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި އޭނާ ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 67 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެ އެވެ. އޭނާއަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވަނީ، ޖުލައި 26، 2013 ގަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT