ބޮޑެތި އިންވެސްޓްމަންޓުތައް އަންނަން އެމްޑީޕީން ބޭނުން ނުވޭ: ފަލާހު

އެމްޑީޕީގެ ނަޒަރުގައި ދިވެހި ރައްޔިތުން އުޅެންވީ ނިކަމެތިކޮށް ކަމަށާއި ބޭރުގެ އިންވެސްޓަރުން ރާއްޖެ އައިސް އިންވެސްޓް ކުރަން ނުޖެހޭ ކަމަށް އެ ޕާޓީން ގަބޫލު ކުރަމުން އަންނަ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު، އަހުމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލަށް މިއަދު ހަވީރު މަޖިލިހުގައި ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ރިއަލް އެސްޓޭޓް ވިޔަފާރިއަކީ ދުނިޔޭގައި މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެންމެ ބޮޑު އެއް ވިޔަފާރި ކަމަށްވާ އިރު، ދިވެހި ރައްޔިތުން މިކަމާ މެދުގައި ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ އާއި ސިންގަޕޫރުން ފެންނަނީ ރިއަލް އެސްޓްޓޭޓްގެ ވިޔަފާރި ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތަކުގައި އެންމެ ރަނގަޅަށް ފަރުމާކޮށްފައި އޮތް އެއް ގާނޫނު ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. އެކަމަކު، ރިއަލް އެސްޓޭޓް ބިލް މަޖިލިހަށް ފޮނުއްވީމަ، އެކަމާ އެމްޑީޕީން ދެކޮޅު ހަދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިފަދަ ބިލެއް ފާސްކޮށްގެން މިއަދު ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން މި ގައުމަށް އައިސްގެން އިންވެސްޓްކޮށްގެން މި ގައުމުގެ ރައްޔިތުން އުފަލާއި އަރާމުގައި އުޅެފާނެތީ އެމްޑީޕީއަށް ހާދަ ވަރެކޭ މިވަނީ. ހާދަ ބޮޑު ވަރެކޭ މި ބޭފުޅުންނަށް ވަނީ." ފަލާހު ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ އެމްޑީޕީން ދެކޭ ގޮތުން ނަމަ، ދިވެހިން އުޅެންވީ މީގެ 60-70 އަހަރު ކުރީގައި އުޅުނު ގޮތަށް ދަތި ހާލުގައި ދިރިއުޅޭށެވެ. ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމަކަށްވާ އިރު، ދިވެހި ދައުލަތުން ރާއްޖޭގެ ފަޅުތައް ބާރު ސްޕީޑްގައި ހިއްކައި 18 މިލިއަން ޑޮލަރުގެ ބޮޑެތި އިންވެސްޓްމަންޓުތައް ހިންގޭނެ ވަރުގެ ހަކަތެއް ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ.
މިއީ ސައުދީ އަރަބިއްޔާއެއް ނޫން. އެމެރިކާއެއް ވެސް ނޫން. އިރާގެއް، އީރާނެއް ވެސް ނޫން. ތެލެއް، ރަނެއް، ރިއްސެއް، ޖަވާހިރެއް އޮތް ގައުމެއް ނޫން މިއީ. ދިވެހިންނަށް އާމްދަނީ ލިބޭނެ ހަމައެކަނި ވަސީލަތަކަށް އޮތީ ޓޫރިޒަމް." މަޖިލިހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި ދުނިޔޭގެ ގައުމުތައް މިއަދު އަޅުވެތިކަމަށް ދަނީ އިގްތިސާދީ ގޮތުން ބަލިކަށިވެގެންނެވެ.
ޓޫރިޒަމްގެ ގާނޫނުގައި ރިސޯޓުތައް ހަދަން ރަށްތައް ކުއްޔަށް ދެމުން އަންނަނީ 99 އަހަރަށް ކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ އެކަން ކުރީ މި ސަރުކާރުން ނޫން ކަމަށެވެ. އެ ތަނުގައި ޣައިރު މުސްލިމުން އުޅެމުން އަންނައިރު، ރަލުގެ ވިޔަފާރި ވެސް ކުރަމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ރަސްމާލޭގެ ފަޅުތެރޭގައި ރިސޯޓު ހަދައިގެން ރާ ވިއްކަން އުޅޭ ވާހަކަތަކާ ގުޅިގެން ފަލާހު ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ.
"މި އަތޮޅު ހުރާއިން ދެ ފިޔަވަޅު އަޅާއިރަށް އޮންނާނީ ކުޑަ ހުރާ. ރަލެއް ނުވިއްކާތޯ؟ ހުރާ އެއީ ދިވެހިން އުޅޭ ރަށެއް ނޫންތޯ؟" ފަލާހު ވިދާޅުވި އެވެ.
ހުޅުމާލެ އިން މިސާލު ނަންގަވައި ފަލާހު ވިދާޅުވީ ހުޅުމާލެ ހިއްކިތާ މިހާރު އެތައް އަހަރެއްވީ އިރު، ފެނާއި ނަރުދަމާ ނުލިބޭ ތަންތަން އަދިވެސް އެ ތަނުގައި އެބަހުރި ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ނުލިބޭ އެހެން ރަށްތައް ވެސް އެބަހުރި ކަމަށް ފަލާހު ވިދާޅުވި އެވެ.
"އެމްޑީޕީގެ ނަޒަރުގައި ދިވެހި ރައްޔިތުން އަބަދުވެސް އުޅެންވީ ނިކަމެތި ހާލަތުގައި. ކުރިއެރުމެއް ވެސް ހޯދާނެ ކަމެއް ނެތް. ތަރައްގީއެއް ވެސް ހޯދާނެ ކަމެއް ނެތް. އިންވެސްޓެއް ވެސް ކުރާނެ ކަމެއް ނެތް. މި ބޭފުޅުން ނޫންތޯ ފ. އަތޮޅަށް އައި މަޝްރޫއު ވެސް ދުއްވާލީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަން އުޅުނު ފ. އަތޮޅުގެ މަޝްރޫއު ހުއްޓުވާލީ އޭރުގެ އިދިކޮޅު އެމްޑީޕީން ކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީ ވެރިކަމަށް އަންނަ ފަހަރެއްގައި ރާއްޖޭގައި އިންވެސްޓް ކުރާނެ ބަޔަކު ވެސް ނުވެ އެވެ.


