ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

99 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި 13،000 މީހުން ޑީޕޯޓުކޮށްލައިފި

ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބިދޭސީންގެ ސައްހަ އަދަދެއް ވެސް ނޭނގޭ ކަމަށް ރައީސް ވިދާޅުވި

1 މިނެޓް

ހުޅުމާލޭގައި އުޅޭ ބިދޭސީންތަކެއްގެ މައުލޫމާތު ނަގަނީ. --- ފޮޓޯ: އިމިގްރޭޝަން
ހުޅުމާލޭގައި އުޅޭ ބިދޭސީންތަކެއްގެ މައުލޫމާތު ނަގަނީ. --- ފޮޓޯ: އިމިގްރޭޝަން

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ބިދޭސީންގެ ތެެރެއިން %99 މީހުންގެ ދިހަ އިނގިލީގެ ނިޝާނާއެކު ދެނެގަނެވިފައިވާ އިރު، ގަވައިދާ ހިލާފަށް އުޅޭ 13،000 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު، ރާއްޖޭގައި އުޅޭ ބިދޭސީންގެ ސައްހަ އަދަދެއް އެނގެން ނެތް ކަމަށެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން ބިދޭސީންގެ މައްސަލަ ހައްލުކުރާނެ ކަމަށް ބުނެ ވެރިކަމަށް އައި ނަމަވެސް، އެކަމުގައި އަމަލީ ސިފައެއް ގެނެސް ނުދެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ބިދޭސީންގެ މައްސަލަ ހައްލު ކުރެވެނީ މި ސަރުކާރުގެ އިހްލާސްތެރި ނިޔަތް އޮތީމަ ކަމަށް ރައީސް ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށާއި އެފަދަ ފަރާތްތަކުން ކުރަމުންދާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 13،000 ބިދޭސީން ޑީޕޯޓުކޮށްލެވިފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރި މަސައްކަތްތައް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ތިބި ބިދޭސީންގެ %99 މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައި ފުރިހަމަކުރެވިފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މިއަދަދަކީ، ދުނިޔޭގެ އެންމެ %1 ގައުމުން ހާސިލުކުރެވިފައިވާ އަދަދެކެވެ.

"އެކަމަކު ރާއްޖެއިން މިއޮތީ ހާސިލުކޮށްފައި. އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްގެން" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އިމިގްރޭޝަނުން އަންނަނީ، ތަފާތު އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT