ޕެންޝަން އޮފީހުގެ ސީއޯއޯ ޝިއުނާ މަގާމުން ވަކިކޮށްފި

ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަރިޔަމް ޝިއުނާ އެ މަގާމުން ވަކިކޮށްފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަން ވެސް ކުރެއްވި ޝިއުނާ ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ސަސްޕެންޑްކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 އިން ފެށިގެންނެވެ. އޭނާ ޕެންޝަން އޮފީހާ ގުޅިވަޑައިގަތީ 2023 ގަ އެވެ.
އެނގިފައިވާ ގޮތުގައި، ޝިއުނާ މަގާމުން ވަކިކުރީ މުވައްޒަފުން އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެގެން އެކަމުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ފަހު އެވެ. އެ ތަހުގީގައި ޝިއުނާ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދިނެވެ. އެކަމަކު، އޭނާ ޖަވާބުދާރީވީ ކަމެއް ސާފެއް ނޫނެވެ.
ޝިއުނާ ވަނީ ޔުނިވަސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އަދި ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަސިޓީން ބެޗެލާ އޮފް އާޓްސް އިން ހިސްޓްރީ ހާސިލް ކުރެއްވި އެވެ.


