ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

އަންނަ އަހަރު މަދުވެގެން %70 މަޝްރޫއު ނިންމުމަކީ އަމާޒެއް: ރައީސް

އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑު ޖެހުނީ މި އަހަރު ދަރަނި ދެއްކުމާއި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކަމަށް ވިދާޅުވި.

2 މިނެޓް

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާއަށް ރައީސްގެ ދެކަނބަލުން ވަޑައިގަންނަވަނީ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާއަށް ރައީސްގެ ދެކަނބަލުން ވަޑައިގަންނަވަނީ. --- ފޮޓޯ: ދަރަޖަ

އަންނަ އަހަރަކީ މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް ފޮނި މީރުކަން ލިބޭނެ އަހަރު ކަމަށާއި އަމާޒަކީ މަދުވެގެން %70 މަޝްރޫއު ނިންމައި ރައްޔިތުންނާ ހަވާލު ކުރުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި އަހަރު އިސްކަން ދިނީ ދަރަނި ދައްކަން ވީމަ، ފައިސާގެ ތާށިކަމާ ގުޅިގެން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވަރަށް ބޮޑަށް މަޑު ޖެހިފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ މި އަހަރު އެކަނި ބޭރުގެ ދަރަނީގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ދައްކައިފަ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ

އޭގެ އިތުރުން އީރާން އާއި އެމެރިކާއާ ދެމެދު ހަނގުރާމަ ކުރަން ފެށުމާ ގުޅިގެން ދިމާވި ދަތިތަކާ ގުޅިގެން މަޝްރޫއުތައް މަޑުޖައްސާލަން ޖެހުނު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ފާހަގަ ކުރެއްވި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  • ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއުތައް
  • ރަށްރަށުގައި ބަނދަރު ހެދުމުގެ މަޝްރޫއުތައް
  • ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް
  • ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް
  • ރަށްރަށުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް މަޑު ޖެހުނީ ތޭޮ އަގު ބޮޑުވުމާއި ފަތުރުވެރިން އައުން މަދުވުމާ ވެސް އެކީގަ އެވެ. އެކަމަކު، އަންނަ އަހަރަކީ ތަފާތު އަހަރަކަށް ވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ދަރަޖަ

"މި އަންނަ އަހަރުގެ ބަޖެޓު މިހާރު އޮތީ މަޖިލިހުގައި. މި އަންނަ އަހަރުގެ ބަޖެޓަކީ ޕްރޮޖެކްޓްސް ޑެލިވާ ކުރާ އަހަރު. މި އަންނަ އަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ މިގޮތަށް ހުރި ހުރިހާ މަޝްރޫއުއެއް. މިހާރު ސޮއިކޮށްފައިވާ ޕްރޮޖެކްޓްގެ ތެރެއިން މަދުވެގެން %70 މަޝްރޫއުތައް އެއްކޮށް ނިންމައި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމުމުގެ ކުރިން ޑެލިވާކޮށް ނިންމާނަން،" ރައީސް ޑރ. މުއއިްޒު ވިދާޅުވި އެވެ.

"މި އަހަރަކީ ލޯން ދައްކާ އަހަރު. އަންނަ އަހަރަކީ މަސައްކަތްތައް ނިންމައި ރައްޔިތުންނާ ހަވާލުކުރާ އަހަރު،"

ބިން ހިއްކުމުގެ މަޝްރޫއުތަކުން މިސާލު ނަންގަވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަންނަ އަހަރު ވަރަށް ގިނަ ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށެވެ. ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމްޓީސީސީއަށް ބޮޑު ޑްރެޖަރެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޑްރެޖަރު ގަންނަން ބޭނުންވާ ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ދަރަޖަ

އެއީ މިހާރު އެމްޓީސީސީގައި އޮތް މަހާޖައްރާފަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ އާއި އެހެނިހެން ސާމާނު އަންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ދެ ތިން މަހެއްގެ ތެރޭގައި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި އަންނަ އަހަރުގެ ތެރޭގައި އެއް ފަހަރާ ގިނަ ރަށްރަށުގައި މަގުތައް ހެދެމުން އަންނަ މަންޒަރު ވެސް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2028 ވަނަ އަހަރުގެ މެދު ތެރެއަށް ދާއިރު، މިހާރު މަސައްކަތް ހިނގަމުންދާ ހުރިހާ އެއާޕޯޓެއް ނިންމައި ހުޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT