މިނިވަން މުއައްސަސާތަކަށް ކޮންމެހެން ބޭނުންވާ ބަޖެޓު ހަމަޖެހޭނެ: ޒަރީރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މިނިވަން މުއައްސަސާތަކަށް ކޮންމެހެން ބޭނުންވާ ފައިސާ ހަމަޖެހޭނެ ކަމަށާއި އެ މުއައްސަސާތަކުގެ ހިންގުން ހުއްޓުމަކަށް ނާންނާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ދެއްވައިފި އެވެ.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޒަރީރު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މަސައްކަތް ނުހުއްޓޭނެ ގޮތަށް ބަޖެޓް ތެރެއިން އެބޭފުޅުންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މީގެކުރިން ވެސް އެގޮތަށް ބަޖެޓު ހަމަޖައްސައިދީފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
ކޮންޓިންޖެންސީ ބަޖެޓްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ކޮންމެހެން ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަަމަ އެކަމެއް ހަމަޖައްސަން ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.
"އެ ހުރިހާ މުއައްސަސާތަކަށް ވެސް އެޝުއަރެންސް ދޭން ބޭނުންވަނީ އެ ބޭފުޅުންގެ މަސައްކަތްތައް ނުހުއްޓޭނެ ގޮތަށް އަދި އިތުރަށް އެ ބޭފުޅުންނަށް ބޭނުންވެއްޖެ ނަމަ ވެސް ބަޖެޓް ތެރެއިން އެބޭފުޅުންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށް." ކޮމިޓީ ބައްދަލުވުމުގައި ޒަރީރު ވިދާޅުވި އެވެ.
ޒަރީރު އެގޮތަށް ވިދާޅުވި އިރު، އިލެކްޝަންސް ކޮމިޝަން (އީސީ)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން މުއައްސަސާތަކުން ވަނީ އެ ބޭފުޅުންނަށް ލިބިފައިވާ ބަޖެޓު ކުޑަ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، ބަޖެޓު ބޮޑުކޮށްދިނުމަށް މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވެ އެވެ.
ޒަރީރު ވިދާޅުވީ މުއައްސަސާތަކަށް ކުއްލިއަކަށް ބޭނުންވެދާނެ އިންފްރާސްޓްރަކްޗާ ފަދަ ކަންތައްތަކަށް އަބަދުވެސް އެގޮތަށް ފައިސާ ހަމަޖައްސަމުން އަންނަ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް، މަޖިލިހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.


