އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް 23 އިސްލާހެއް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން 23 އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
ދެހާސް ހަތާވީސް ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ފޮނުވި ބަޖެޓަށް ބަދަލެއް ނުގެނެސް ފާސް ކުރަން އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ގުޅިގެން އެކުލަވާލާފައިވާ ބަޖެޓު ކޮމިޓީން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެއްވެސް ބަދަލެއް ނުގެނެސް ކޮމެޓީން ބަޖެޓް ފާސްކުރީ އެ ކޮމެޓީގައި ތިއްބެވި 10 މެމްބަރުންގެ ވޯޓުންނެވެ.
އަންނަ އަަހަރަށް ލަފާކޮށް ސަރުކާރުން 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި އިރު، މިއީ މި އަހަރުގެ ބަޖެޓާ ބަލާއިރު، 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. މި އަހަރަށް ލަފާކޮށް މަޖިލިހުން ފާސްކުރީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓު މިއަދު ވަނީ މަޖިލިހުގެ ތަޅުމަށް ހުށަހަޅައިފަ އެވެ. އަދި މެމްބަރުންގެ މެދުގައި އެ ބަޖެޓަށް ބަހުސް ކުރަން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ކޮންމެ މެމްބަރަކަށް ވެސް ލިބިވަޑައިގަންނަވާނީ ހަތް މިނެޓެވެ.
މަޖިލިހުގެ ރިޔާސަތުގައި އިންނެވި، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބަޖެޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، އެއީ ކޮން އިސްލާހުތަކެއް ކަމެއް އަބްދުއްރަހީމް ވިދާޅެއް ނުވެއެވެ. ނަމަވެސް، މުޅި ބަޖެޓަށް ވޯޓަށް އެހުމުގެ ކުރިން، އެ އިސްލާހުތައް ފާސް ކުރަން ފެނޭތޯ ވަކިވަކިން ވޯޓަށް އަހާނެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާ ކުރެވޭނީ 52.6 ބިލިއަން ރުފިޔާ އެވެ. އަދި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓުތައް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަންނަ އަހަރު ރިކަރަންޓް ހަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
|
|---|
- ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓު ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ
- ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓުތައް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ
- ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ
- އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ
ބަޖެޓުގައިވާ ގޮތުން މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެ ކަމަށް އަންދާޒާ ކުރެވޭއިރު، 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.
އަންނަ އަހަރުގެ ބަޖެޓުން ދަރަނި އަނބުރާ ދެއްކުމަށް 4.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މި އަހަރު ދެއްކި ބޭރުގެ ދަރަންޏާ އަޅާ ބަލާއިރު، ބޮޑު ތަނުން ކުޑަ އަދަދެކެވެ. މި އަހަރު ބޭރުގެ ދަރަނީގެ ގޮތުގައި 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފަ އެވެ.
ބަޖެޓުގައި ހިމެނޭ މުހިންމު ކަންކަން:
- ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވޭ
- ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ތިން ބިލިއަން ރުފިޔާ ހިމަނާފައިވޭ
- ގެދޮރު އަޅަންދޭ ލޯންގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރަން 750 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ
މި އަހަރު ނިމޭއިރު، ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާ ކުރެވެނީ 7.6 ބިލިއަން ރުފިޔާގަ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، %6.2 އަދަދެކެވެ. އަދި އަންނަ އަހަރު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ އިރު، މިއީ ޖީޑީޕީގެ ނިސްބަތުން 7.3 އިންސައްތައިގެ އަދަދެކެވެ. ޑެފިސިޓުގެ މި އަދަދުތަކާއެކު، މި އަހަރު ޖީޑީޕީގެ ނިސްބަތުން ޕްރައިމަރީ ބެލެންސް %2.5 އަދި އަންނަ އަހަރު %3.4 ގައި ހުންނާނެ ކަމަށް ލަފާ ކުރެވެ އެވެ.


