ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ރާއްޖެ އިން ފަލަސްތީނާއެކު ސާބިތުވެ ތިބީ އެއްވެސް ޝަރުތެއް ނެތި: ރައީސް

2 މިނެޓް

ރައީސް ޑރ. މުއިއްޒު، ފަލަސްތީނުގެ ބޮޑުވަޒީރާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު، ފަލަސްތީނުގެ ބޮޑުވަޒީރާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އިން ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުވެ، ވަރުގަދަ ރޫހެއްގައި ތިބީ އެއްވެސް ޝަރުތަކާ ނުލައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ތުރުކީގެ އަންތާލިޔާގައި ކުރިއަށް ގެންދާ ކޮޕް31ގެ ހަވާސާގައި ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުހައްމަދު މުސްތަފާއާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

ރައީސް ޑރ. މުއިއްޒު، ފަލަސްތީނުގެ ބޮޑުވަޒީރާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ރައީސް  އޮފީސް

ރައީސް އޮފީހުން ބުނީ ފަލަސްތީނުގެ ބޮޑުވަޒީރާ އެކު ބޭއްވެވި ބައްދަލުވުމުގައި އެއްވެސް ޝަރުތަކާ ނުލައި ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވާފައިވާ ކަމަށެވެ.

އަދި މިނިވަންކަމާއި ކަރާމާތާއި އިންސާފު ހޯދުމަށާއި އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ހައްގުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ އެމަނިކުފާނު ހާމަ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފަލަސްތީނުގެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށް އެމަނިކުފާނު ތަކުރާރު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ކަރާމާތާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ލިބެން ޖެހޭ ކަން ރައީސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފަލަސްތީނުގެ ރައްޔިތުން ދުވަހަކު ވެސް އެކަނިވެރިވިޔަ ނުދޭނެ ކަމަށާއި އިންސާފާއި މިނިވަންކަމާއި ދެމެހެއްޓެނިވި ސުލްހަ ގާއިމްވަންދެން ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު، ފޮރިން މިނިސްޓަރު އިރުތިޝާމް އާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ހައްގުގައި ރައީސް ޑރ. މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރުގެ އިސް ވެރިން ގެންދަވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި އަޑު އުފުއްލަވަމުންނެވެ. އިސްރާއީލްގެ ލާއިންސާނީ އަދި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ އެއް ގައުމަކީ ވެސް ރާއްޖެ އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިސްރާއީލްގެ ޕާސްޕޯޓު މަނާކޮށް، އެ ގައުމުގެ މީހުން އެތެރެވުން ހުއްޓުވުމެވެ. ޑުއަލް ޕާސްޕޯޓު އޮންނަ މީހުންގެ ތެރެއިން އިސްރާއީލްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ރާއްޖެ ނާދެވޭ ގޮތަށް ހަދަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT