އިގްތިސާދީ ކުރިއެރުން ފެންނަ އަދަދެއް؛ އިމާރާތް ކުރުމު ލޯނު 42.6 އިންސައްތައިގެ އިތުރުވުމެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މާލީ އިދާރާތަކުން ޕްރައިވެޓް ސެކްޓަރަށް ދޫކޮށްފައިވާ ލޯނުތަކަށް ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޖުމްލަ ގޮތެއްގައި ލޯނު ދޫކުރި މިންވަރު އަހަރުގެ ބޮޑު ބައެއްގައި އިތުރުވެފައިވީ ނަމަވެސް، އޮގަސްޓު މަހު ވަނީ ކުއްލި ދަށްވުމެއް ފެނިފައެވެ.
މި އަހަރުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ ކޮންސްޓްރަކްޝަން ނުވަތަ އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރެވުނު ލޯނުތަކުންނެވެ. ޖަނަވަރީ މަހު މި ދާއިރާއަށް 8 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ޖުލައި މަހުގެ ނިޔަލަށް އެ އަދަދު ވަނީ 10.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %42.6 ގެ ބޮޑު ކުރިއެރުމެކެވެ.
އަހަރު ފެށުނުއިރު ޖަނަވަރީ މަހު ޖުމްލަ ލޯނުގެ އަދަދު ހުރީ 41.9 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މަހުން މަހަށް އިތުރުވަމުން ގޮސް، ޖުލައި މަހުގެ ނިޔަލަށް ވަނީ 45.2 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.3 ގެ ކުރިއެރުމެކެވެ. ނަމަވެސް އޮގަސްޓު މަހު މި އަދަދު ވަނީ 42.2 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
ފަތުރުވެރިކަމާއި އަމިއްލަ ލޯނުތައް
އަބަދުވެސް އެންމެ ގިނަ ލޯނު ދޫކުރާ ފަތުރުވެރިކަމުގެ ދާއިރާގެ ލޯނުތައް މި އަހަރުވެސް އުޅެނީ 13 ބިލިއަނާއި 14 ބިލިއަން ރުފިޔާއާ ދެމެދުގައެވެ. މީގެ އިތުރުން، އަމިއްލަ ފަރުދުންނަށް ދޫކުރާ ޕަރސަނަލް ލޯނުތައްވެސް ވަނީ މި އަހަރުގެ ތެރޭގައި އެއްވަރެއްގައި އިތުރުވެފައެވެ. ޖަނަވަރީގައި 9 ބިލިއަން ރުފިޔާގައި ހުރި ޕަރސަނަލް ލޯނުތައް ޖުލައި މަހު ވަނީ 9.5 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ތަފާސްހިސާބުތަކުން ފާހަގަކުރެވޭ އެންމެ ބޮޑު އެއް ކަމަކީ އޮގަސްޓު މަހު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުތައް ކުއްލިއަކަށް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމެވެ. މަސްވެރިކަމަށް ދޫކުރި ލޯނުތައް ޖުލައި މަހު 452.9 މިލިއަން ރުފިޔާގައި ހުރުމަށްފަހު އޮގަސްޓު މަހު ވަނީ 236.5 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ދަށްވުމެކެވެ. ހަމައެހެންމެ ދަނޑުވެރިކަމުގެ ލޯނުތައްވެސް 15.8 މިލިއަނުން 9.9 މިލިއަނަށް ވަނީ ދަށްވެފަ އެވެ.


