ބޭރުގެ ޓުއަ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ހުއްޓާލައިފި

ޓޫރިސްޓުންނަށް ރާއްޖޭން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު އުވާލުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ޖީއެސްޓީގެ ގާނޫނަށް އިސްލާހު ގެނައުމާއެކު، ޖުމްލަ ތިން ބިލެއް ތަސްދީގު ކުރައްވައިފަ އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވި އިސްލާހުތަކަކީ:
- އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 3 ވަނަ އިސްލާހު
- ޖީއެސްޓީ ގާނޫނުގެ 9 ވަނަ އިސްލާހު
- ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 5 ވަނަ އިސްލާހު
ޓެކްސް ނެގުމުގެ ބިލް ތަސްދީގު ކުރުމާއެކު، ޓުއަ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމުތަކުން ނަގާ ޓެކްސް މިއަދުން ފެށިގެން އުވުނީ އެވެ. އަދި ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދުގައި މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެވޭނެ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ މައިގަނޑު މަގްސަދަކީ، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކޮށް، އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ %30 އިން %25 އަށް ކުޑަކުރުމެވެ.
މި އިސްލާހުގައި ވާގޮތުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، ޓެކްސް އަހަރު 2027 އަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި ބަދަލުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާފައިވާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައްސަލަ އިސްތިއުނާފުކުރެވޭ ޙާލަތުގައި ޢަމަލުކުރަންޖެހޭ އުސޫލަށް ބަދަލުގެނެސްފަައިވެ އެވެ.
އެގޮތުން، އެފަދަ މައްސަލަތައް އިސްތިޢުނާފްކުރެވޭނީ އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 އިންސައްތަ އާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި ޚަލާޞްކުރުމަށްފަހުގައި ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި، މިއަަދަދު އެއްކޮށް ދައްކާ ހަލާސްކުރަންޖެހޭ ހާލަތްތައްވެސް މިއިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
ހަމައެއާއެކު، އެފަދަ ހާލަތެއްގައި، ޓެކްސް ދައްކާ ފަރާތުން ޓްރައިބިއުނަލުގައި އިސްތިއުނާފުކުރާ އަދަދާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް އޮތްނަމަ އެއާއިމެދު ޢަމަލުކުރަންޖެހޭ ގޮތްވެސް ބަޔާންކޮށްފައިވެ އެވެ.


