ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ވިޔަފާރި

ދައުލަތުގެ ބޭރުގެ ދަރަނި 55.65 ބިލިއަން ރުފިޔާއަށް ދަށްވެއްޖެ

ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ރިޕޯޓް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދައުލަތުގެ ބޭރުގެ ދަރަނި ހުރީ 63.07 ބިލިއަން ރުފިޔާގައި. މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ދައުލަތުގެ ބޭރުގެ ޖުމްލަ ދަރަނި 55.65 ބިލިއަން ރުފިޔާއަށް ދަށްވެފައި. އެހެންކަމުން، ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނިން ވަނީ 7.43 ބިލިއަން ރުފިޔާ ދަށްވެފައި.

2 މިނެޓް

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ބޭރުގެ ދަރަނި ވަނީ ދަށްވެފައި.
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ބޭރުގެ ދަރަނި ވަނީ ދަށްވެފައި.

މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ދައުލަތުގެ ބޭރުގެ ޖުމްލަ ދަރަނި 55.65 ބިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ރިޕޯޓް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދައުލަތުގެ ބޭރުގެ ދަރަނި ހުރީ 63.07 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން، ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނިން ވަނީ 7.43 ބިލިއަން ރުފިޔާ ދަށްވެފައެވެ. ނަމަވެސް އެތެރޭގެ ދަރަނިވަނީ އިތުރުވެފަ އެވެ. އަދި ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 150 ބިލިއަން ރުފިޔާ އަށް ވުރެ އިތުރުވެފައެވެ.

ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަންޏަށް އައި ބަދަލު

މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީގެ ނިސްބަތުން) ބޭރުގެ ދަރަނި ހުރީ 45.4 އިންސައްތައިގައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މި އަދަދު ހުރީ 52.8 އިންސައްތައިގައެވެ. އަދި 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ބޭރުގެ ދަރަނި ޖީޑީޕީގެ 57.5 އިންސައްތައިގައި ހުރުމަށްފަހު، މިހާރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ.

ބޭރުގެ ދަރަނީގެ މައިގަނޑު ބައިތަކުގެ ތަފްސީލު (Q3 2026 ގެ ނިޔަލަށް)

ސަރުކާރުގެ ސީދާ ބޭރުގެ ދަރަނި - 2025 ވަނަ އަހަރުގެ ނިޔަލަށް 43.60 ބިލިއަން ރުފިޔާގައި ހުރި ސަރުކާރުގެ ސީދާ ބޭރުގެ ދަރަނި، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ވަނީ 37.15 ބިލިއަން ރުފިޔާއަށް (37,150.0 މިލިއަން ރުފިޔާ) ދަށްވެފައެވެ. މިއީ 6.45 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ޖީޑީޕީގެ ނިސްބަތުން މި އަދަދު ވަނީ 36.5 އިންސައްތައިން 30.3 އިންސައްތައަށް ތިރިވެފައެވެ.

ސޮވެރިން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 19.47 ބިލިއަން ރުފިޔާގައި ހުރި ގެރެންޓީ ބޭރުގެ ދަރަނި، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ވަނީ 18.50 ބިލިއަން ރުފިޔާއަށް (18,495.2 މިލިއަން ރުފިޔާ) ދަށްވެފައެވެ. މިއީ 979.1 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. ޖީޑީޕީގެ ނިސްބަތުން މި އަދަދު ހުރީ 15.1 އިންސައްތައިގައެވެ.

ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލު

ބޭރުގެ ދަރަންޏަށް އެންމެ ބޮޑު ދަށްވުމެއް އައިސްފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައެވެ. އެގޮތުން، ފުރަތަމަ ކުއާޓަރުގައި 62.74 ބިލިއަން ރުފިޔާގައި ހުރި ބޭރުގެ ދަރަނި، ދެވަނަ ކުއާޓަރުގައި ވަނީ 55.44 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ. ނަމަވެސް، ބޭރުގެ ދަރަނި ދަށްވި ނަމަވެސް، އެތެރޭގެ ދަރަނި 101.05 ބިލިއަން ރުފިޔާއަށް އިތުރުވުމާ ގުޅިގެން ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 156.69 ބިލިއަން ރުފިޔާގައެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT