އިމާރާތްކުރުމުގެ ދާއިރާ 16.6އިންސައްތަ ކުރިއަރައި، އިގްތިސާދަށް ދިރުން ގެނުވައިފި
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި "މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް" ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރުގެ އަސާސީ އަގުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ އިޤްތިޞާދީ މިންވަރު ހުރީ 8.51 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ.
2 މިނެޓް

އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް 16.6 އިންސައްތަ ކުރިއަރައި، ރިއަލް އެސްޓޭޓާއި ވިޔަފާރީގެ ހަރަކާތްތައް ފުޅާވުމުގެ ސަބަބުން، މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިސާދަށް 4.0 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި "މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް" ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރުގެ އަސާސީ އަގުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ އިޤްތިޞާދީ މިންވަރު ހުރީ 8.51 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ.
އެތެރޭގެ އިޤްތިސާދީ ދާއިރާތަކުގެ ބާރުމިން
ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތައް ދައްކާގޮތުން، ސެޕްޓެމްބަރު މަހު އިޤްތިޞާދު ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި ދާއިރާތަކަކީ:
އިމާރާތް ކުރުމުގެ ދާއިރާ:
އަހަރުން އަހަރަށް ބަލާއިރު 16.6 އިންސައްތަ ކުރިއަރައި، މި ދާއިރާގެ އަގު ވަނީ 457 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ޖުމްލަ ކުރިއެރުމުގެ 0.8 ޕަސެންޓޭޖް ޕޮއިންޓެވެ.
ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި:
އެތެރެކުރެވުނު (އިމްޕޯޓް) މުދަލުގެ މިންވަރު އިތުރުވުމާއެކު، މި ދާއިރާ ވަނީ 8.8 އިންސައްތަ ކުރިއަރައި 815 މިލިއަން ރުފިޔާއަށް އަރާފައެވެ. މި ދާއިރާއިން ވެސް 0.8 ޕަސެންޓޭޖް ޕޮއިންޓް ހިއްސާކުރެއެވެ.
ރިއަލް އެސްޓޭޓް:
އިޤްތިޞާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް (0.9 ޕަސެންޓޭޖް ޕޮއިންޓް) ވެފައިވަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ.
ސިއްޙީ އަދި ދަތުރުފަތުރުގެ ދާއިރާ:
ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކުން 0.6 ޕަސެންޓޭޖް ޕޮއިންޓް އިތުރުވިއިރު، ދަތުރުފަތުރާއި މުވާޞަލާތީ ދާއިރާއަށް 0.6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ.
ފުރަތަމަ ނުވަ މަހުގެ ޖުމްލަ ދުވެލި މަތީގައި
މި އަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ އިޤްތިސާދީ މިންވަރު ހުރީ 81.1 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރެއިން، އޭޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެސް ވަނީ ކުރީ އަހަރަށްވުރެ މަތީ ކުރިއެރުމެއް ހޯދާފައެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު އިޤްތިސާދީ ކުރިއެރުމެއް ރެކޯޑުކުރެވުނު ސެޕްޓެމްބަރު މަހަކީ ވެސް މިއަހަރުގެ ސެޕްޓެމްބަރު މަހެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަތުރުވެރިކަމަށް
އަހަރީ ކުރިއެރުން އޮގަސްޓު މަހު ހުރި 2.4 އިންސައްތަ، ސެޕްޓެމްބަރު މަހު 4.0 އިންސައްތައަށް އުފުލުނު ނަމަވެސް، އޮގަސްޓު މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހުގެ ޖުމްލަ އިޤްތިސާދީ ދުވެލި ވަނީ 11.6 އިންސައްތަ (1.12 ބިލިއަން ރުފިޔާ) ދަށްވެފައެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިޤްތިސާދުގެ 18.5 އިންސައްތަ ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާ މަހުން މަހަށް 9.5އިންސައްތަ ދަށްވުމެވެ. ނަމަވެސް އޮގަސްޓުން ސެޕްޓެމްބަރަށް އިޤްތިސާދީ ހަރަކާތްތައް މަޑުޖެހުމަކީ 2024 އަދި 2025 ވަނަ އަހަރު ވެސް ފެނިފައިވާ އާންމު އުސޫލެއްކަމާއި މެދުއިރުމަތީގެ ހަމަނުޖެހުން ނިމުމަކަށް އައުމުން ފަތުރުވެރިކަން ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރިޕޯޓުގައިވެއެވެ.


