ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ވިޔަފާރި

"އެސްޓީއޯ ރަމަޟާން ބާޒާރު 2027" ފަށައިފި

މި ބާޒާރު ކުރިއަށް ދާނީ އަންނަ މާރިޗް މަހުގެ 10 ގެ ނިޔަލަށް

1 މިނެޓް

އެސްޓީއޯ ރަމަޟާން ބާޒާރު 2027" ފެށުން--- ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ރަމަޟާން ބާޒާރު 2027" ފެށުން--- ފޮޓޯ: އެސްޓީއޯ

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޟާން ބާޒާރު 2027" ރަސްމީކޮށް މިއަދު ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މިކަން ރަސްމީކޮށް ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އެވެ.

މިއަދުން ފެށިގެން އަންނަ އަހަރުގެ މާރިޗް 10 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، ކަނޑައެޅިފައިވާ ހާއްސަ އުފެއްދުންތަކުން %50 އާ ހަމައަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު 2027" ފެށުން--- ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ރަމަޟާން ބާޒާރު 2027" ފެށުން--- ފޮޓޯ: އެސްޓީއޯ

ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު، 500ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ދެ ފަރާތަކަށް 2،500ރ. ގެ ގިފްޓް ވައުޗަރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި 5،000ރ. އަށް ވުރެ މަތިން ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާ ގުޅިއަކުން އިނާމު ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި މުޅި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ އެއް ނަސީބުވެރިއަކަށް 100،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.

މި ޕްރޮމޯޝަން ފެށުމާއެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކޮށްފައިވާ ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒް ކެފޭ ބްރޭންޑް "ދަ ކޮފީ ބީން އެންޑް ޓީ ލީފް" ގެ މާލޭގެ ފުރަތަމަ އައުޓްލެޓްވެސް ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ.

މި ބްރޭންޑްގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް ހިންގަމުން އަންނަނީ ހުޅުމާލޭގަ އެވެ. ހަމައެއާއެކު، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖާގަ އިތުރަށް ތަނަވަސްކޮށް، އެ ބައިވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.

އެސްޓީއޯ ރަމަޟާން ބާޒާރަކީ ރޯދަމަހާ ދިމާކޮށް ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި އެހެނިހެން ޒަރޫރީ މުދާ ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ، އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުގެ އިތުރުން އެ ކުންފުނީގެ ރީޖަނަލް އައުޓްލެޓްތަކުގަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT