ރިޓަޔަމަންޓުގެ މާލީ ރައްކާތެރިކަމަށް ގްރީން ފައިނޭންސް މުހިންމު: ޕެންޝަން އޮފީހުގެ ސީއީއޯ
ޕެންޝަން އޮފީހުގެ ޑޭޓާ ޕޯޓަލްގައި ޝާއިޢުކޮށްފައިވާ، 2026 ސެޕްޓެމްބަރު 30 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި 204,549 މީހުން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރގެ ހައިސިއްޔަތުން، މިއަހަރު ޕެންޝަން ފަންޑު 30 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައިވާކަން ޔަޒްމީދު ފާހަގަކުރެއްވި އެވެ
3 މިނެޓް

ތިރީސް ބިލިއަން ރުފިޔާގެ ބޮޑު ފަންޑެއް މެނޭޖްކުރަމުންދާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން، އަންނަން އޮތް ޖީލުތަކުގެ ރިޓަޔަރމަންޓް ރައްކާތެރިކުރުމަށްޓަކައި ތިމާވެއްޓާއި ރައްޓެހި 'ގްރީން ފައިނޭންސް' ނުވަތަ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް އިސްކަންދޭން ޖެހޭކަމަށް އެ އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެނާ ވިދާޅުވީ، ޕެންޝަން އޮފީހުން ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، މިއަދު ދުސިތް ޑީ2 ފޭދޫ މޯލްޑިވްސްގައި ކުރިއަށްގެންދިޔަ 13 ވަނަ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ހުޅުވުމުގެ ގޮތުން ދެއްވި ތަޤްރީރުގައެވެ.
ޕެންޝަން އޮފީހުގެ ޑޭޓާ ޕޯޓަލްގައި ޝާއިޢުކޮށްފައިވާ، 2026 ސެޕްޓެމްބަރު 30 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި 204,549 މީހުން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރގެ ހައިސިއްޔަތުން، މިއަހަރު ޕެންޝަން ފަންޑު 30 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައިވާކަން ޔަޒްމީދު ފާހަގަކުރެއްވި އެވެ.
"މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަޤްބަލުގައި އަހަރެމެންގެ މެމްބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،" ޔަޒްމީދު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން ޔަޒްމީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ރަށްތަކުގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެއް މީޓަރަށްވުރެ ތިރި ރަށްތަކެކެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އިޤްތިސާދުގެ މުހިންމު ސިނާއަތްތައް ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ކުދި ވިޔަފާރިތަކަށް ކުރިމަތިވާ ގެއްލުންތަކުގެ ސަބަބުން، އާމްދަނީ ދަށްވުމާއިއެކު ޕެންޝަން ކޮންޓްރިބިއުޝަން މެދުކެނޑުމުގެ އިތުރުން މާލީ ހިރާސްތައް އިތުރުވެގެންދާނެއެވެ. އެހެންކަމުން، ޕެންޝަން ފަންޑުގެ ދިގުމުއްދަތުގެ ކުރިއެރުމާއި މެންބަރުންގެ ރިޓަޔަރމަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުގެ އިޤްތިސާދުގެ ވިލުންވެރިކަން ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޔަޒްމީދު ވިދާޅުވި ގޮތުގައި ޕެންޝަން އޮފީހުން އެންމެ އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، އެންމެ ފައިދާހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވައިލުމާއެކު ދުރުރާސްތާގެ ވިލުންވެރިކަން ކަށަވަރުކުރުމަށެވެ. އަދި އީ.އެސް.ޖީ (ތިމާވެށި، އިޖުތިމާއީ، އަދި ހިންގުން) މިންގަނޑުތަކަށް ފެތޭ މަޝްރޫއުތަކާއި، ކްލައިމެޓް ފައިނޭންސިންގއަށް މަގުފަހިވާނެ އައު ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދަންވާނީ ޕެންޝަން އޮފީހުގެ ފިޑިއުޝަރީ ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ.
"ގްރީން އިންވެސްޓްމަންޓްގެ މާނައަކީ މާލީ އިންޒިބާތު ދޫކޮށްލުމެއް ނޫން،" ޔަޒްމީދު ވިދާޅުވިއެވެ. "ކޮންމެ އިންވެސްޓްމަންޓަކީވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި "އެންމެ ބޮޑު އިސްކަމެއް ދޭނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ފައިދާ އެކުލެވިގެންވާ، ފަންޑަށް ދިގުމުއްދަތުގެ ނަފާ ލިބޭނެ ފުރުސަތުތައް ދެނެގަތުމަށް" ކަމަށްވެސް ޔަޒްމީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއިން ދެމެހެއްޓެނިވި މާލީ ދާއިރާގައި ކުރިއެރުންތަކެއް ހޯދަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ގައުމީ ފައިނޭންސިންގ ސްޓްރެޓެޖީތަކާއި، މޫސުމީ ނުރައްކާތައް ވަޒަންކުރުމާއި، ތިމާވެއްޓާ ގުޅޭ ރިޕޯޓިންގ އުސޫލުތަކާއި، ބައިނަލްއަގުވާމީ މޫސުމީ ފަންޑުތަކަށް މަގުފަހިވެފައިވާ މާހައުލެއް ގާއިމްކުރުމަށް ކުރާ މަސައްކަތްތައް ހިމެނެއެވެ.
މި ކުރިއެރުންތަކުގެ ސަބަބުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކާއި، ބްލޫ އިކޮނޮމީގެ ދާއިރާއިން އިންވެސްޓްމަންޓްތައް ހޯދުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
"ޤައުމީ އިޤްތިޞާދުގެ ވިލުންވެރިކަން ވަރުގަދަކުރުމަކީ އަހަރެމެންނަށް ދެވަނަ ފުރުސަތެއް އޮތް ކަމެއްނޫން. އެއީ މެމްބަރުންގެ މާލީ މުސްތަޤްބަލު ރައްކާތެރިކުރުމަށް ކޮންމެހެން ހާސިލުކުރަންޖެހޭ ޝަރުތެއް،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ހަމައެކަނި ސިޔާސަތުތަކުން ނުފުދޭނެ ކަމަށާއި، މި ފުރުސަތުތަކުގެ ބޭނުން ހިފުމަށްޓަކައި އިންވެސްޓް ކުރެވޭ ފަދަ މަޝްރޫއުތަކާއި، އެކަށީގެންވާ މާލީ އޮނިގަނޑުތަކާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް އަދި އިންވެސްޓަރުންގެ އިތުބާރު ބޭނުންވާނެ ކަމަށް ޔަޒްމީދު ވިދާޅުވިއެވެ. ސަރުކާރާއި ރެގިއުލޭޓަރުންނާއި މާލީ އިދާރާތަކާއި އިންވެސްޓަރުން އަދި ވިޔަފާރިތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ދެމެހެއްޓެނިވި މާލީ ނިޒާމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވި އެވެ. އަދި 13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މަގްސަދަކީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއެރުވުމަށް ހުރި ހުރަސްތަކާއި، އަމަލީ ހައްލުތަކުގެ އިތުރުން ބޭނުންކުރެވިދާނެ މާލީ ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި އަހަރުގެ ފޯރަމްގެ މައުޟޫއަކީ 'ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަން' އެވެ. 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފޯރަމަކީ ދެމެހެއްޓެނިވި މާލީ ނިޒާމެއް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ތަރައްގީގެ ބައިވެރިން އެއް ފުރާޅެއްގެ ދަށުގައި މަޝްވަރާކޮށް އަމަލީ ގޮތުން ކުރެވޭނެ ކަންކަން ދެނެގަތުމަށް ބާއްވާ ބައްދަލުވުމެކެވެ.


