ސީދާ ޚަބަރަށް
24 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ކުޅިވަރު

ޔުނައިޓެޑް މޮޅެއް ނުވޭ، މިހާރު އޮތީ ފުލުން ދެވަނައިގައި!

ޔުނައިޓެޑް ނެރެމުން އަންނަ ދަށް ނަތީޖާގެ ސަބަބުން ކޯޗު ބަދަލުކުރިޔަސް ރޭ ވެސް ރަނގަޅު ނަތީޖާއެއް ނުހޯދުނު

17 ގަޑިއިރު ކުރިން1 މިނެޓް

ލިވަޕޫލްގެ ކުޅުންތެރިން ރޭގެ މެޗުގައި އުފާ ފާޅު ކުރަނީ. --- ފޮޓޯ: ލިވަޕޫލް
ލިވަޕޫލްގެ ކުޅުންތެރިން ރޭގެ މެޗުގައި އުފާ ފާޅު ކުރަނީ. --- ފޮޓޯ: ލިވަޕޫލް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 4-0 ގެ ނަތީޖާއަކުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗާ ޔުނައިޓެޑް ނުކުތީ އެ ޓީމުގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުންނެވެ. އެއީ މި ސީޒަންގައި ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗުކަމުގައި ހުރި މައިކަލް ކެރިކް މަގާމުން ވަކިކުރުމަށް ފަހު އެވެ.

ނަމަވެސް ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ޔުނައިޓެޑަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ.

އެ ޓީމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ މެޗުގެ ނުވަ މިނެޓުގައި ލެނީ ޔޯރޯއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. މި ކާޑު އޭނާއަށް ދެއްކީ، ލިވަޕޫލްގެ ފޯވާޑް އެލެކްސެންޑާ އިސާކް މުޅިން ހުސްކޮށް ހުރެ ގޯލާ ދިމާލަށް ދަނިކޯށް، ޔޯރޯ ކުރި ފައުލެއްގެ ސަބަބުންނެވެ.

މި ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 10 ވަނަ މިނެޓުގައި ޑޮމިނިކް ސޮބޯސްލައި ވަނީ ލިވަޕޫލަށް ލީޑް ނަގައި ދީފަ އެވެ.

އަދި އޭގެ އެންމެ ތިން މިނެޓު ފަހުން، މެޗުގެ 13 ވަނަ މިނެޓުގައި ރިއޯ އެންގުމޯހާ ނަގައިދިން ހުރަހަކުން ފްލޯރިއަން ވާޓްޒް ވަނީ ވޮލީއަކުން ގޯލެއް ކާމިޔާބުކޮށް ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފްގައި ލިވަޕޫލްގެ ގިނަ ކުޅުންތެރިންތަކަކަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނެވެ.

ދެވަނަ ހާފް ފަށައިގެން ވެސް މޮޅަށް ކުޅުނީ ލިވަޕޫލުންނެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ބްރެޑްލީ ބާކޯލާ ދިން ބޯޅައަކުން ޒުވާން ކުޅުންތެރިޔާ ރިއޯ އެންގުމޯހާ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ޖަހައިފަ އެވެ. އަދި 82 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިކްޓާ މުނޯޒް ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

މި މޮޅާއެކު، ލިވަޕޫލް ވަނީ 11 މެޗުން ލިބުނު 21 ޕޮއިންޓާއެކު، ތާވަލްގެ ހަތަރު ވަނައަށް އަރައިފަ އެވެ. ޔުނައިޓެޑަށް 11 މެޗުން ލިބުނު އަށް ޕޮއިންޓާއެކު، އެ ޓީމު އޮތީ ތާވަލްގެ 19 ވަނައިގަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT