ރޯހިތު ބޯސްގެ ދަރިފުޅު ފިލްމީ ދާއިރާއަށް ނުކުންނަނީ

ބޮލީވުޑްގެ އެކްޓަރު ރޯހިތު ބޯސް ރޯއީގެ ދަރިފުޅު އައިރާ ބޯސް ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އައިރާ ކުޅޭ ފުރަތަމަ ފިލްމަކީ "އައިސީ ދީވަންގީ ދޭކީ ނާހިން ކާހިން" ފިލްމުންނެވެ. މީގެކުރިން ކިއާރާގެ ނަމުން މަޝްހޫރު އައިރާއަށް ފިލްމެއް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް އޭނާ ވަނީ އެ ފުރުސަތުގެ ބޭނުން ހިފަން ދެކޮޅު ހަދައިފަ އެވެ.
އޭނާ އަށް ފުރުސަތު ލިބުނީ ޒީޔާ އަހްތަރުގެ ފިލްމު "ދަ އާޗީސް" އިންނެވެ.
އެ ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލީ އޭރު އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ތައުލީމް ހާސިލް ކުރަމުން ދިއުމުގެ ސަބަބުންނެވެ. އޭރުގައި ވެސް އައިރާގެ ބައްޕަ ދިޔައީ ދަރިފުޅު ފިލްމީ ދާއިރާއަށް ނުކުމެދާނެ ކަމުގެ އިޝާރާތްތައް ދެމުންނެވެ.
އައިރާ 2021 ވަނަ އަހަރު ތައުލީމު ހާސިލް ކުރުމަށް އެމެރިކާއަށް ފުރައިގެން ދިޔައިރު، 2023 ވަނަ އަހަރު ރޯހިތު ވަނީ ޒޯޔާގެ ޓީމުން ގުޅިކަން ކަށަވަރުކޮށްދީފަ އެވެ.
އައިރާ 2025 ވަނަ އަހަރު ޑިގްރީ ހާސިލްކުރިއިރު، އޭނާގެ މައިންބަފައިން ކަމަށްވާ މަނާސީ ޖޯޝީ ރޯއީ އާއި ރޯހިތު ވަނީ މި ކާމިޔާބީ ފާހަގަކޮށްފަ އެވެ. އެމީހުން ވަނީ އޭނާގެ ގްރެޖުއޭޝަން ހަފްލާގެ ފޮޓޯތައް ހިއްސާކޮށް، މިހާރު އޭނާ އަކީ އިކޮނޮމިކްސް އެންޑް އާޓް ހީސްޓްރީގެ ޑަބަލް މެޖޯރިޓީއެއް ހާސިލްކޮށްފައިވާ އަދި އައިވީ ލީގުން ޑިގްރީ ހާސިލްކޮށްފައިވާ މީހެއް ކަމަށް ބުނެފަ އެވެ.
އައިރާއާ އެކު ދެން ފިލްމުގައި އުޅެނީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ސުބާން އެވެ.
ބެލެވޭ ގޮތުގައި މިއީ ލޯބީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ.

