އެމެރިކާގެ ސައިބާ ސެކިއުރިޓީ ޗީފަކަށް ކާސްޓެން

އެމެރިކާގެ ނޭޝަނަލް ސައިބާ ސެކިއުރިޓީ ޗީފްގެ މަގާމަށް ކާސްޓެން ޑޭވީސް އައްޔަންކޮށްފި އެވެ.
ކާސްޓެން، ސައިބާ ސެކިއުރިޓީގެ ވެރިއަކަށް ހަމަޖެއްސީ، ކުރިން އެ މަގާމުގައި ހުންނެވި ސީން ކެއިންކްރޮސް މަގާމުން ވަކި ކުރުމަށް ފަހުގަ އެވެ. އެމެރިކާ ސަރުކާރުން އެގޮތަށް ނިންމީ މުއާސަލާތީ ނިޒާމު ފެއިލްވެ، އެމެރިކާގެ ހުރިހާ އެއާޕޯޓުތަކެއް ހުއްޓި ބޮޑެތި ގެއްލުންތަކެއް ވި މައްސަލައިގަ އެވެ.
ކާސްޓެން ޑޭވީސްއަކީ ކާކު؟
- ކާސްޓެން މީގެކުރިން ވަނީ އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމު އަދާކުރައްވާފައި
- ސީމަންސް އާއި ހެވަލެޓް ޕެކާޑް އެންޓަޕްރައިސް ފަދަ ކުންފުނިތަކުގައި ޓެކްނޮލޮޖީ އާއި ސައިބަރ ސެކިއުރިޓީގެ އިސް މަގާމުތައް ފުރުއްވި
- ސަރުކާރުގެ ސައިބާ ސެކިއުރިޓީ ސްޓްރެޓެޖީ ކޯޑިނޭޓް ކުރުމުގެ ޒިންމާއާ އެކަމަނާ ހަވާލުުވެވަޑައިގަންނަވާނެ
ސީން ކެއިންކްރޮސް ވަކިކުރީ ކީއްވެ؟
ކެއިންކްރޮސް މަގާމުން ވަކިކުރީ ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ފެއިލްތަކެއްވުމާ ގުޅިގެންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ވައިޓް ހައުސް އޮފިޝަލުން ވަނީ ސައިބަ ސެކިއުރިޓީގެ ތަޖުރިބާއާ ގުޅޭ ގޮތުން ކެއިންކްރޮސްއާ ސުވާލުކޮށްފަ އެވެ.
ޓެކްނޮލޮޖީގެ ގޮތުން ފެއިލްވި ކަންކަމަކީ ކޮބާ؟
މުއާސަލާތީ ނިޒާމު ފެއިލްވުމާ ގުޅިގެން ޓެކްނޮލޮޖީގެ ގޮތުން މުހިންމު ހިދުމަތްތަކަކަށް ވަނީ ބުރޫ އަރައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މައިކްރޮސޮފްޓް: ކަރަންޓް ކެނޑުމުގެ ސަބަބުން އައުޓްލޫކް، ޓީމްސް އަދި މައިކްރޮސޮފްޓްގެ އެހެން ހިދުމަތްތަކަށް އަސަރުކުރި
- އެއާ ޓްރެފިކް ކޮންޓްރޯލް: ޓެކްނިކަލް ފެއިލްވުމެއްގެ ސަބަބުން ފްލައިޓްތަކުގެ ދަތުރުތަކަށް ހުރަސް އެޅުނު
- ޗޭސް ބޭންކް: ސޮފްޓްވެއާ މައްސަލަތަކުގެ ސަބަބުން ބޭންކިން މުއާމަލާތްތަކަށް ބުރޫއެރި
- ނޭޝަނަލް ސެކިއުރިޓީ އެޖެންސީ: ޓެކްނިކަލް މައްސަލައިގެ ސަބަބުން އެ އެޖެންސީގެ އެތެރޭގެ ކްލަސިފައިޑް ނެޓްވޯކަށް އަސަރުކުރި
- އެޕަލް: އައިކްލައުޑް އަދި އެޕް ސްޓޯރު ފަދަ ހިދުމަތްތަކަށް މައްސަލަތަކެއް ކުރިމަތިވި
ކަމާބެހޭ ފަރާތްތަކުން ވަނީ ޓެކްނިކަލް ފެއިލްވުންތަކާއި ސޮފްޓްވެއާ އަޕްޑޭޓްތަކާއި މެއިންޓެނަންސް އަދި އިންފްރާސްޓްރަކްޗާ މައްސަލަތައް ދިމާވެދާނެ ކަމަށް އިޝާރާތްކޮށްފަ އެވެ.
މުއާސަލާތީ ނިޒާމަށް ދިމާވި ބޮޑު މައްސަލައަކާ ގުޅިގެން، މި މަހުގެ 13 ވަނަ ދުވަހު އެމެރިކާގެ ހުރިހާ އެއާޕޯޓްތަކެއްގައި، ފްލައިޓުތައް ހުއްޓުމަކަށް ގެންނަން ޖެހުނެވެ. ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މުޅި ގައުމުގެ ވައިގެ ދަތުރުތައް ހުއްޓުވުމަށް ނެރުނު މި އަމުރާ ގުޅިގެން އެތައް ފްލައިޓުތަކެއް ކެންސަލްވެ ފަސެންޖަރުން އެއާޕޯޓުގައި ތާށިވި އެވެ. އެކަމަކު، އެ މައްސަލަ ދިމާވިތާ މާ ގިނައިރުތަކެއް ނުވެ މައްސަލަ ހައްލު ކުރި އެވެ.
